ރާއްޖޭގެ ތިން މިނިސްޓްރީއެއް ހިންގާ އިމާރާތުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް ބޭރުގެ ތަޖުރިބާކާރު ޓީމެއްގެ އެހީ ހޯދަން ނިންމާފައިވާ ކަމަށާއި އެ ޓީމު ވަރަށް އަވަަހަށް ރާއްޖެ އަންނާނެ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
މިމަހުގެ 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތުގައި ހިނގި އެ ހާދިސާގައި މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްއާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ހިންގާ އިމާރާތުގެ އިތުރުން އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ ހިންގަމުން އަންނަ ގްރީން ބިލްޑިންގައި ވެސް ވަނީ އަލިފާން ރޯވެ އެ އިމާރާތްތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
އެހެންކަމުން މި ތިން މިނިސްޓްރީގެ މަސައްކަތްތައް ވެސް މިވަގުތު ހިންގަމުން ދަނީ ދަރުބާރުގޭގައެވެ. އަދި އެ މިނިސްޓްރީތަކުގެ އާންމު މަސައްކަތްތައް މާދަމާ ފެށޭނެ ކަމަށް ވެސް ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.
އެ ހާދިސާއާ ގުޅިގެން ކަމާ ގުޅުން ހުރި އިދާރާތަކުން ދަރުބާރުގޭގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށެވެ.
”މި ތަހުގީގު ގައި އަޅުގަނޑުމެން ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނަން. އަދި އެކަން ވީހާވެސް އަވަހަކަށް ކުރިއަށް މިއޮތް 2، 3 ދުވަހެއްގެ ތެރޭގައި އެ ޓީމު އަޅުގަނޑުމެންގެ އިންވެސްޓިގޭޝަން ޓީމާ އެކު މަސައްކަތްކުރެވޭނެ މިންވަރަށް ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން އެ މަސައްކަތް އެބަކުރަން“ ސީޕީ ވިދާޅުވިއެވެ.
މިތަހުގީގުގެ މައިގަނޑު ބޭނުމަކީ އަލިފާނުގެ އެ ފަދަ ބޮޑު ހާދިސާއެއް ހިނގި ގޮތް ރައްޔިތުންނަށް އެނގެން ބޭނުންވާތީ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.



