ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ގެ ރަށްތަކަށް ފައްޓަވާފައިވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ދަނގެއްޗަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މިއީ އެމަނިކުފާނުގެ ދައުރުގައި ރާއްޖޭގެ ހުރިހާ ރަށްތަކަށް ޒިޔާރަތްކޮށް އެރަށްތަކުގައި ދަތިވެފައިވާ ކަންތައްތައް ގާތުން ބައްލަވައި، ސަރުކާރުގެ މަޝްރޫޢުތަކާ ގުޅޭގޮތުން އިތުރަށް މަޝްވަރާވެސް ކުރައްވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ފައްޓަވާފައިވާ ދަތުރުފުޅެކެވެ.
އެގޮތުން ރައީސްގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ އދ. ދަނގެއްޗަށެވެ.
ދަނގެއްޗަށް ވަޑައިގެން އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީއާވެސް އެމަނިކުފާނު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ދަނގެތީގެ އިތުރުން، އދ. މަހިބަދޫ އަދި އެ އަތޮޅު އޮމަދޫއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދެ ދުވަހަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.




