ކ. ގުރައިދޫގައި ހަތަރު މަހުގެ ތުއްތު ކުއްޖެއް މަރުވެފައި ފެނުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ރޭ ދަންވަރު 2:00 އާއި 3:00 އާ ދެމެދު ގުރައިދޫގައި ހަތަރު މަހުގެ ތުއްތު ކުއްޖަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށާއި ނިޔާވެފައި އޮތްއިރު އެކުއްޖާގެ ނޭފަތުން ލޭ އައިސްފައިވާ ކަމަށް މީސްމީޑިއާގައި ދަނީ ވާހަކަ ފެތުރެމުންނެވެ.
އެކުއްޖާގެ ހަށިގަނޑު ފެނުނު ގެއާއި އެ ސަރަހައްދު ފުލުހުން އިތުރަށް ތަހުގީގު ކުރުމަށް ބަންދުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ގުރައިދޫގައި ހަތަރު މަހުގެ ކުއްޖަކު މަރުވެފައިވާ މައްސަލަ މިއަދު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކުއްޖާގެ ހަށިގަނޑުގެ އޯޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




