މާތް ﷲގެ އިރާދަފުޅާއެކު، މި ސަރުކާރުން ކުރިއަށްދާނީ، ކުރިމަތިކުރާ އަދި ކުރިމަތިވާ ހުރަސްތައް ގިރާކުރަމުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އަރި އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރޭ ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ބުރާސްފަތި ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަށް އިޝާރާތްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހައުސިންގް މިނިސްޓްރީ އާއި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަމަންޓް މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާއެއް ހުރި ދެ ޢިމާރާތް ބޭނުންނުކުރެވޭ ވަރަށް އަނދާ އަޅިއަށްވީ ހާދިސާއަކީ، އެމަނިކުފާނަށްވެސް ފުން އަސަރުތަކެއް ކުރުވި ހާދިސާއެއްކަމަށް ރައީސް ވިދާޅުވިއެވެ. އެ ހާދިސާގައި ގެއްލުން ލިބުނު ތިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލަކީ، އެމަނިކުފާނުވެސް އެކި ދުވަސްވަރު އެ ތަންތަނުގައި ޚިދުމަތްކުރެއްވި އިދާރާތަކެއް ކަން ފާހަގަކުރައްވަމުން، ރައީސް މުޢިއްޒު ވިދާޅުވީ، އެތައް އަހަރެއްގައި އެތައް މުވައްޒަފުންނަކާއެކު މަސައްކަތްކުރި އެ ޢިމާރާތްތައް އަނދައި، ހުލިވެ، ބިންމައްޗަށް ތިރިވީ މަންޒަރު ފެނިވަޑައިގަތުމުން ވަރަށް އަސަރުކުރެއްވިކަމަށެވެ.
އެހެންނަމަވެސް، އެމަނިކުފާނު މި ގޮންޖެހުމާ ކުރިމަތިލެއްވީ ވަރަށް ހިތްވަރާ އެކުގައިކަމަށާއި، އެންމެން އެކީ އަތުކުރި އޮޅާލައިގެން، ބުރާސްފަތި ދުވަހުގެ ރޭ ފެއްޓެވި މަސައްކަތް މެދުކަނޑާނުލައި ކުރިއަށްގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން، އިރާދަކުރެއްވިއްޔާ މިއަދު ހެނދުނު 8 ޖަހާއިރު އެ މިނިސްޓްރީތަކުން ޚިދުމަތް ދޭން ފަށާނެކަމަށް އެމަނިކުފާނު އިޢުލާންކުރެއްވިއެވެ. އަދި މި ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.



