ކުރިއަށް އޮތް ފަސް ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ލަފާ ކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް ފަސް ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެގޮތުން އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް ކަމަށެވެ. އަދި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.
ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ހުޅަނގު ދެކުނާއި ހުޅަނގުން 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެއިދާރާއިން ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިޔަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.
މެތް އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި އެހެން ހިސާބުތަކަށް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
އެހެންކަމުން ކަނޑުގަދަވާ ދުވަސްވަރު، ކަނޑު ދަތުރުކުރުމުގެ ކުރިން މެޓު އޮފީހުން ނެރޭ އެލާޓުތަކަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކޮށްފައިވެއެވެ.



