ވިސާ ނެތި ރާއްޖޭގައި ދިރިއުޅެމުން ދިޔަ ފްރާންސްގެ މުސްލިމު އާއިލާ، އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލަން އުޅޭތީ އެތައް ބަޔަކު ނުރުހުން ފާޅުކޮށްފިއެވެ.
މި މައްސަލަ ފެންމަތި ވެފައިވަނީ އޮންލައިން ނޫހަކުން މިކަމާ ގުޅޭގޮތުން އިއްޔެ ޝާއިޢުކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެގޮތުން އެ ރިޕޯޓުގައި ބުނެފައިވަނީ، ތ. ވޭމަންޑޫގައި ދިރިއުޅެމުން އަންނަ މުސްލިމު އެ އާއިލާ އެރަށު މީހުންނާ މާބޮޑު ގުޅުމެއް ނުބޭއްވި ނަމަވެސް އެމީހުންގެ ފަރާތުން އެރަށުގެ ރައްޔިތުންނަށް އެއްވެސް އުނދަގުލެއް ފޯރާފައި ނުވާ ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ އާއިލާ ރާއްޖެ އައީ މީގެ 12 އަހަރު ކުރިން، ޓޫރިސްޓު ވިސާގައެވެ. ނަމަވެސް އެ ވިސާގެ ތިން މަސް ދުވަސް ހަމަވުމުން ވެސް އަނބުރާ ޤައުމަށް ނުގޮސް ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ ކަމަށް ވެސް ބުނެފައިވެއެވެ.
ވޭމަންޑޫއިން އެދެމަފިރިންގެ މައުލޫމާތު އިނގޭ މީހަކު ބުނި ގޮތުގައި، މުސްލިމު އެ ދެމަފިރިން ފްރާންސް ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރަން ފެށި އެމީހުން އިސްލާމުވުމަށްފަހު ފްރާންސްގައި ދިރިއުޅެން އުނދަގޫވުމުންނެވެ. މިހާރު އެމީހުންގެ ފަސް ދަރިންވެސް އެބަތިއްބެވެ.
މުސްލިމު އެއާއިލާގެ ވާހަކަ ރިޕޯޓު ކުރުމާ ގުޅިގެން އިމިސްގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު ރޭގައި ވިދާޅުވެފައިވަނީ އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ މުސްލިމް އެ އާއިލާގެ އިސްމީހާ މިދިޔަ އޮކްޓޫބަރު 23 ގައި އެ އިދާރާ އަށް ހާޒިރުކުރި ކަމަށާއި ނަމަވެސް އެ ހަ މީހުންގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި ވާތީ ޓްރެވެލް ޑޮކިއުމަންޓެއް ހޯދަން ޖެހޭ ކަމަށެވެ.
”މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފައި. އިމިގްރޭޝަން ގާނޫނާ ހިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ،“ ޝަމްޢާން ވިދާޅުވެފައިވެއެވެ.
އިމިގްރޭޝަންގެ މި ނިންމުމާ ގުޅިގެން ގިނަ ރައްޔިތުން ވަނީ އެކަމާ މީސްމީޑިއާގައި ނުރުހުންފާޅުކޮށްފައެވެ. އެގޮތުން މިއީ މުސްލިމުންތަކަކަށް އެނގިހުރެ ދެވޭ ވަރަށް ބޮޑު ދެރައެއް އަދި އަނިޔާއެއް ކަމުގައި ވެސް ބައެއް ފަރާތްތަކުން ބުނެ، މިނޫން ފިޔަވަޅެއް މިކަމާ ގުޅޭގޮތުން އެޅުމަށް ގިނަ ރައްޔިތުން ވަނީ އިމިގްރޭޝަނަށާއި ސަރުކާރަށް ވެސް ގޮވާލާފައެވެ.



