ރަސްފަންނު ސަރަހައްދުގައި ދެ އަންހެނެއްގެ ގައިގައި އަތްލައި، ޖިންސީ ފުރައްސާރަކުރި ޝްރީލަންކާއަށް ނިސްބަތްވާ ރައްޔިތަކު ހައްޔަރު ކޮށްފިއެވެ.
މިމައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ސަންޖަޔާ ކުމާރު ނަމަކަށް ކިޔައި އުމުރުން 28 އަހަރުގެ ޝްރީ ލަންކާ ފިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކުރި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ނަމަވެސް ކޯޓަށް ދިން ބަޔާނުގައި ސަންޖަޔާ ވަނީ މި ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ. އެގޮތުން އެ އަންހެނުންގެ ގައިގާ އަތް ނުލައި ކަމަށާއި އެހެން ނަމަވެސް ކުރިމަތިން ދިޔައިރު އަންހެން މީހާ އެނބުރިފައި ތިމަންނަގެ ގައިގަ އަތްލީކަމަށް ބުނި ކަމަށް އޭނާ ބުނެފައިވެއެވެ.



