ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، މައްޗަންގޮޅި ތަޅަމުދިގެ، ފުއާދު ތައުފީޤް މިއަދު އައްޔަނު ކުރައްވައިފިއެވެ.
ފުއާދު ތައުފީޤަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ފުއާދު ތައުފީޤު ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަނު ކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބަސެޑަރ އެޓް ލަރޖްގެ މަޤާމުގައެވެ.
ނަމަވެސް ތައިލެންޑުގެ ސަފީރުކަމަށް ރަސްމީކޮށް އައްޔަނު ކުރެވުމާއެކު، ފޮރިން މިނިސްޓްރީގެ އެ މަގާމުން އެމަނިކުފާނު ވަނީ ވަކިވެވަޑައިގެންފައެވެ.
ފުއާދު ތައުފީޤަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެ މަގާމުން އެމަނިކުފާނު ވަކިވެވަޑައިގެންފައިވަނީ ޤާނޫނުގައި އޮންނަ ގޮތުން ދެ ދައުރު ފުރިހަމަ ކުރެއްވުމުންނެވެ.




