ރ. ދުވާފަރުގެ އެމްޑީޕީ ކައުންސިލަރު މަރިޔަމް ޔަޝްފާ މާލޭގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށް ފުލުހުން އަންގައިފިއެވެ.
ޔަޝްފާ ވިދާޅުވި ގޮތުގައި ދުވާފަރު ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރޭގަނޑު 8:10 ހާއިރު ފުލުހުން ގުޅާފައިވެއެވެ. ނަމަވެސް މިވަގުތު އޭނާ ހުންނެވީ ރަށުން ބޭރުގައި ކަމަށް ފުލުހުންނަށް އަންގަވާފައިވާ ކަމަށް ޔަޝްފާ ވިދާޅުވިއެވެ. އަދި ބުދަ ދުވަހުގެ ހެނދުނު 10:30 އަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށް ޗިޓު ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިފައިވަނީ ފަހުން އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ”ގާނޫނުއަސާސީގެ ދިފާއުގައި“ ނަމުގައި ބޭއްވުނު ޖަލްސާއާ ކަމަށް ބެލެވެއެވެ. އެ ޖަލްސާގައި ޔަޝްފާ ވާހަކަފުޅު ދައްކަވައި، ރައިވަރެއް ކިޔުއްވާފައިވެއެވެ. ނަމަވެސް އެ ރައިވަރުގައި ވަކި މީހެއްގެ ނަން ހިމަނާފައި ނުވާނެ ކަމަށް ޔަޝްފާ ވިދާޅުވިއެވެ.
ޔަޝްފާ އިތުރަށް ވިދާޅުވި ގޮތުގައި އެ ޖަލްސާގައި ވާހަކަފުޅު ދެއްކެވީ ދުވާފަރު ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުންނެވެ. އަދި އެ ރަށުގައި ކުރިއަށް ދިޔަ މަޝްރޫޢުތައް ހުއްޓިފައި ހުރި ވާހަކައާއި، މަސައްކަތްތައް ނުފެށި ލަސްވާ ވާހަކަ، އަދި ބައެއް މަސައްކަތްތައް އުނިކޮށްފައި ހުރި ވާހަކަވެސް އެ ރޭ ދައްކާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



