2025 ވަނަ އަހަރު ނިމުމުގެ ކުރިން މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
”ދިވެހި ސަރުކާރުގެ އަމާޒަކީ މައިމީހާގެ ފަރާތުން އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ވާސިލުވުން ނައްތާލެވިފައިވާ ގައުމަކަށް މި ގައުމު ހެދުމަށް މިހާރު މިކުރެވެމުން މިގެންދާ މަސައްކަތް ބާރު ސްޕީޑްގައި ގެންގޮސް الله ގެ ރަހުމަތްފުޅާއި މިންވަރުފުޅުން އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތުން މިފެށޭއަހަރު 2025 އަހަރު ނިމުމުގެ ކުރިން ޑަބްލިއު އެޗްއޯ ގަބޫލު ކުރާ ފެންވަރަށް މިކަން ހާސިލްވެފައިވާ ގައުމެއްގެ ގޮތުގައި މިތިންބަލި، މަންމަގެ ކިބައިން ދަރިފުޅަށް ވާސިލުވާ ވާސިލުވުން ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި، އެ ލަނޑުދަނޑި ހާސިލުކުރުން އެއީ އަޅުގަނޑުމެންގެ ވަރަށް މުހިންމު އަމާޒެެއް,“ ސިއްޙީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވިގޮތުގައި މިކަން ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ދަނީ ކުރެވެމުންނެވެ.
މި މަސައްކަތްތައް ކުރިއަށް ގެންދަނީ ފަންނީ މާހިރުންނާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ލަފަޔާއި އެހީތެރިކަމާއެކުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.




