މާލޭގެ ރޯޝަނީ މަގުގައި ހަދާފައިވާ ޖަންކްޝަނެއްގެ ތެރެއަށް ތެޔޮ އެޅޭ ގޮތް ހެދި މީހަކު ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ހެންވޭރުގައި، މި މަގު އޮންނަ ސަރަހައްދުގައި އުޅޭ މީހުންނަށް އެކަމުގެ އުނދަގޫ ބޮޑުވެ މިކަމުގެ ޝަކުވާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.
މިޖަންކްޝަންއަށް ބާކީވެފައި ހުންނަ ތެލާއި އެ ނޫން ވެސް ހަޑިއެއްޗެހި އެޅޭގޮތަށް ހަދާފައި ހުރުމުގެ ސަބަބުން ޖަންކްޝަން ބެދި، ވަރަށް ބޮޑަށް ނުބައ ވަސް ދުވާކަން ހާމަކުރައްވާ ކައުންސިލުން ބުނީ އެކަން ކުރި މީހަކު ހޯދައި، ފިޔަވަޅު އެޅުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
އެ މީހަކު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، މިފަދަ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލުތައް ނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މާލެ އަކީ ސާފުތާހިރު ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
މިކަން ހާމަކޮށް ކައުންސިލުން އެކްސްގައި ކުރި ޕޯސްޓާއިއެކު ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޖަންކްޝަން ހަދާފައި ހުރީ ގެތަކެއް ހުންނަ ގޯޅިއެއްގެ ކުރިމަތީގައެވެ.



