އަސްކަރީ ޤަބިލުކަން އިތުރުކުރުމާއި ސަރަހައްދީ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތުކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޖަޕާނު ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ޑައިވިން އަދި މުވާސަލަތީ ވަސީލަތްތަކެއް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޖަޕާނަކީ އަބަދުވެސް ރާއްޖެއަށް އެކި ދާއިރާތަކުން ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުން އަންނަ ޤައުމެއްކަމަށާއި މިފަހަރު ފޯރުކޮށްދިން އެހީތެރިކަމާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
މީގެއިތުރުން، ޖަޕާނު ސަރުކާރުން އަސްކަރިއްޔާއަށް ފޯރުކޮށްދިން އެހީއަކީ ރާއްޖޭގެ އަސްކަރީއްޔާގެ ޤަބިލީއްޔަތުކަން އިތުރުކޮށް ސަރަހައްދީ ރައްކާތެރިކަމަށާއި ހަމަޖެހުން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރުމަށް ލިބިގެންދިޔަ މުހިންމު އެހީއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
”ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބޭނުންފުޅުވަނީ ރާއްޖޭގެ އަސްކަރީއްޔާގެ ޤަބިލީއްޔަތުކަން އިތުރުކުރުމުގެ މަސައްކަތް ކުރައްވަން. މިއީ މިސަރަހައްދުގައި ސުލްޙައާއި، ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތެއް. މިމަސައްކަތް ކުރައްވަމުންދަނީ އެތެރޭގެ އަދި ބޭރު ވާޖިބުތައްވެސް އަދާކުރައްވަމުން. “ ވަޒީރު ވިދާޅުވިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފައި ވަނީ 800 މިލިޔަން ޔެން ނުވަތަ ގާތްގަނޑަކަށް 80 މިލިޔަން ރުފިޔާ އަގުހުރި ޑައިވިން އަދި މުވާސަލާތީ ވަސީލަތްތަކެއްކަމަށް ދިފާއީ ވުޒާރާއިން ބުނެފައިވެއެވެ.
ޖަޕާނު ސަރުކާރު ފަރާތުން ދިވެހި ސަރުކާރަށް އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓެކެއުޗީ މިޑޯރީ މިތަކެތި ހަވާލުކޮށްދެއްވާފައިވާއިރު، ދިވެހި ސަރުކާރުގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ދިފާޢީ ވަޒީރު ޣައްސާން މައުމޫންނެވެ.



