ތ. ވޭމަންޑޫގައި ދިރިއުޅެމުންދާ ފްރާންސްގެ މުސްލިމު އާއިލާ ޑީޕޯޓުނުކޮށް، އެމީހުންނަށް އެސައިލަމް ދޭން ޖަމިއްޔާއަކުން ގޮވާލައިފިއެވެ.
ފްރާންސްގެ އެއާއިލާ ޑީޕޯޓު ކޮށްލަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމާފައިވަނީ ފާއިތުޥީ 12 އަހަރު ދުވަސް ވަންދެން ވިސާއަކާ ނުލައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އެއާއިލާ އުޅެމުންދާކަން ފެންމަތިވުމުންނެވެ.
އެއާއިލާގެ ވާހަކަ ފެންމަތިވެފައިވަނީ އޮންލައިން ނޫހަކުން މިކަމާ ގުޅޭގޮތުން ދިރާސާތަކެއްކޮށް، ޝާއިޢުކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެގޮތުން އެ ރިޕޯޓުގައި ވަނީ ފްރާންސްގެ މުސްލިމު އެ އާއިލާ ރާއްޖޭގައި ވިސާއެއް ނެތި އުޅޭތާ މިހާރު 12 އަހަރުވެފައިވާ ކަމަށާއި މިވަގުތު ދިރިއުޅެނީ ވޭމަންޑޫގައި ކަމަށެވެ.
އެރަށު މީހުންނާ އެއާއިލާއިން މާބޮޑު ގުޅުމެއް ނުބޭއްވި ކަމުގައިވިޔަސް، އެއްވެސް މީހަކަށް އުނދަގުލެއް ނުކުރާ ކަމަށް ވެސް ލިޔެފައިވެއެވެ. އަދި އެމީހުން ފްރާންސް ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރަން ފެށި، އިސްލާމްވުމަށްފަހު އަމިއްލަ ޤައުމުގައި ދިރިއުޅެން އުނދަގޫވެގެން ކަމަށް ވެސް ބުނެފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ އިނގިރޭސިވިލާތަށް ގޮސް، ފަހުން ރާއްޖެއައީ ޓޫރިސްޓު ވިސާގައި ކަމަށާއި ނަމަވެސް ޓޫރިސްޓު ވިސާގެ ތިންމަސް ދުވަސް ހަމަވުމުން ވެސް އެނބުރި ޤައުމަށް ނުގޮސް އަދި ވިސާ އައުވެސް އައު ނުކޮށް ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވަޒަންވެރިވީކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.
އެ ރިޕޯޓުގެ ސަބަބުން އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަހީދު މިމަހުގެ 15 ވަނަ ދުވެހުގެ ރޭ ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ މުސްލިމް އެ އާއިލާގެ އިސްމީހާ މިދިޔަ އޮކްޓޫބަރު 23 ގައި އެ އިދާރާ އަށް ހާޒިރުކުރި ކަމަށާއި ނަމަވެސް އެ ހަ މީހުންގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި ވާތީ ޓްރެވެލް ޑޮކިއުމަންޓެއް ހޯދަން ޖެހޭ ކަމަށެވެ.
”މި ފަރާތްތަކުގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފައި. އިމިގްރޭޝަން ގާނޫނާ ހިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެ،“ ޝަމްޢާން ވިދާޅުވެފައިވެއެވެ.
ފަރާންސްގެ މުސްލިމު އާއިލާ ފޮނުވާލަން އުޅޭތީ ރައްޔިތުން ނުރުހުން ފާޅުކޮށްފި
އިމިގްރޭޝަންގެ މި ނިންމުމާ ގުޅިގެން އެތައްބަޔަކު ވަނީ މީސްމީޑިއާގައި އެކަމަށް ކަންބޮޑުވުންފާޅުކޮށް، ނިންމުން ބަދަލު ކުރުމަށް ގޮވާލާފައެވެ. އަދި މުސްލިމުންތަކަކަށް އެފަދަ ނިކަމެތި ހާލު ނުޖެއްސުމަށާއި އެނޫން ހައްލެއް ގެނައުމަށް ވެސް ގޮވާލާފައިވެއެވެ.
މީގެއިތުރުން ފްރާންސްގެ މުސްލިމު އެ އާއިލާ ޑީޕޯޓު ކޮށްލުމާ ދެކޮޅަށް އަޑުއުފުލައި ”ޔޫތު ފޮ ޔުނިޓީ“ ޖަމާއަތުން ރޭގައި އާޓިފިޝަލު ސަރަހައްދުހައި ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ. އެ ޖަމިއްޔާއިން ގޮވާލާފައިވަނީ މުސްލިމު އާއިލާ ފޮނުވާނުލުމަށާއި އެސައިލަމް ދިނުމަށެވެ.



