ވަރަށް ނުތާހިރުކޮށް ފޮނިފޯއް ހަދާތަނެއް މޯލްޑިވްސް އިމިގްރޭޝަނުން ރޭގައި ހުއްޓުވައި، އެތަކެތި ހަދައި ވިއްކި ބިދެސީއަކު އަތުލައިގެންފިއެވެ.
”އެކްސް“ މެދުވެރިކޮށް އިމިގްރޭޝަނުން ރޭގައި ކުރި ޕޯސްޓެއްގައި ބުނީ އެ ޚިދުމަތަށް ލިބުނު ރިޕޯޓަކާ ގުޅިގެން ޓާސްކްފޯހުން ރޭ ހެންވޭރުގައި ހުންނަ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެތަނުގައި އާންމު މިންގަނޑުތަކާ ޚިލާފަށް ވިޔަފާރީގެ ބޭނުމަށް ކާބޯތަކެތި ތައްޔާރު ކުރާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ހިއްސާ ކޮށްފައިވާ އެތަނުގެ ފޮޓޯތަކަށް ބަލާއިރު ފެންނަނީ، ވަރަށް ނުތާހިރު ތަނެއްގައި ފޯއް ކޮށާފައި ހުރި މަންޒަރެވެ. އަދި ”ފޮނި ފޯއް“ ވިއްކުމަށް ހަދާފައިހުރި ލޭބަލްތަކެއްގެ ފޮޓޯވެސް އިމިގްރޭޝަނުން އެ ޕޯސްޓުގައި ހިއްސާ ކޮށްފައިވެއެވެ.
މީގެއިތުރުން އިމިގްރޭޝަނުން ބުނީ، ފިހާރަތަކުން އާންމުކޮށް ވިއްކަން ހުންނަ ބައެއް ކާބޯތަކެތިވެސް އެތަނުން ފެންނަން ހުންނަ ކަމަށާއި މި މަސައްކަތް ކުރަމުންގެންދާ ބިދޭސީ މީހާ މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނައިރު، މީގެ ކުރިން ވެސް ނުތާހިރުކޮށް ހުރި ތަންތަނުގައި ކާބޯތަކެތި ތައްޔާރުކުރާ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.



