ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ، 2024 ޑިސެންބަރު 9 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ސައިބަރ ކްރައިމަކީ ޤާނޫނުން ކުށެއް ކަމުގައި ކަނޑައަޅައި، އަންނަނިވި ކުށްތައް ސައިބަރކްރައިމްގެ ގޮތުގައި ޤާނޫނުލްޢުޤޫބާތަށް އިތުރުކުރުމެވެ.
އެގޮތުން މި ބިލުގައި ހިމެނޭ ކުށްތަކަކީ:
- ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން
- ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން
- ހުއްދަ ނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަސެޕްޓް ކުރުން
- ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަފިއަރ ކުރުން
- ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުން
- ސައިބަރ ވަޔަލަންސްގެ އަމަލުތައް
- ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތައް
- ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް
- ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، ޢަމަލުކުރަން ފަށައިފައެވެ.



