މިމަހުގެ 11 ވީ ބުދަ ދުވަހު ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖު ގައި އާއްމު ދަތުރުފަތުރަށް ހުރަސް އަޅައި މަގު ބްލޮކް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދަށް 5 ދުވަސް ޖެހި ދެ ޑްރައިވަރަކު މިއަދު ދޫކޮށްލައިފިއެވެ.
އެގޮތުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ދޫކޮށްލާފައިވަނީ މއ. ވިރާހް މާލެ / މުޙައްމަދު ޝާމިން (39އ.) އާއި ސަންރޭ ލ. ދަނބިދޫ / އަހުމަދު ޝަބީން (33އ.) އެވެ.
މި ދެ ޓެކްސީ ޑްރައިވަރުން ވެސް މިއަދު ދޫކޮށްލާފައި މިވަނީ އެމީހުންގެ ބަންދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ.
ބުދަ ދުވަހުގެ ރޭ ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ މި ދެމީހުންގެ އިތުރުން ހދ. ކުމުންދޫ ހޮލިޑޭވިލެޖް / ނުއޫމާން އަހުމަދު (36އ) މާލެ މއ ނަހީދީމަންޒިލް / މިސްބާހު ޝަރީފް (31އ) އެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާއެކު ނުއުމާން ދޫކޮށްލާފައިވެ އެވެ.
ހައްޔަރުކުރި ޓެކްސީ ޑްރައިވަރުންނާއި ޓޯ ކުރި ކާރުތައް ދޫކޮށްލުމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިއްޔެ ވަނީ ގޮވާލައިފަ އެވެ.


