މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ނ. ހެނބަދޫގެ 80 ޕަސެންޓު ގެތަކަށް ފެން ވަދެއްޖެއެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަބޫބަކުރު މުހައްމަދު ވިދާޅުވީ މިއަދުގެ ހެނދުނު ދެ ގަޑިއިރު ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މިހާރު މުޅި ރަށުގައި ފެން ބޮޑުވެފައިވާ ކަމަށާއި ރަށުގެ 80 އިންސައްތަ ގެތަކަށް ފެންވަދެ ހިފާ ގެންގުޅޭ ތަކެއްޗަށްވެސް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ.
މީގެއިތުރުން، ކައުންސިލާއި އެ ރަށުގެ ސްކައުޓް ކުދިންނާއި އެމްއެންޑީއެފުން ގުޅިގެން ފެން ހިނދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ހަބީބު ވިދާޅުވިއެވެ.
މިކަމާއި ގުޅޭ ގޮތުން އެމްއެންޑީއެފްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހެނބަދޫގައި ފެންބޮޑުވެ މީހުން ދިރިއުޅޭ ގެތަކަށް ފެންވަންނާތީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
”ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ނ.ހެނބަދޫގައި ފެން ބޮޑުވެ، މީހުން ދިރިއުޅޭ ގޭގެއަށް ފެންވަންނާތީ، އެ ރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފި.“ އެމްއެންޑީއެފުން ބުނެފައިވެއެވެ.




