ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ކުޅަދާނަ ޅެންވެރިޔާ އަލީ ޝަރީފު (ޏ. އަލީ ޝަރީފު) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ދަންނަވައިފިއެވެ.
އަލީ ޝަރީފު އަވަހާރަވީ މިއަދު ހެނދުނު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. ނިޔާވިއިރު އުމުރުފުޅުން 84 އަހަރެވެ.
ސަރުކާރަށް 31 އަހަރު ވަންދެން ހިދުމަތްކުރެއްވި އަލީ ޝަރީފު ވަނީ އޭޓާނީ ޖެނެރަލްގެ އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީ އާއި އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައެވެ. އަދި ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގައި ވެސް މަސައްކަތް ކުރައްވައި، އެކި ކޯޓުތަކުގައި ގާޒީކަން ވެސް ކުރައްވާފައެވެ.
މީގެއިތުރުން އަލީ ޝަރީފަކީ ކުޅަދާނަ ޅެންވެރިއެއް ވެސް މެއެވެ. އެގޮތުން 1981 ގައި ޅެންވެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް އޭނާ ހާސިލު ކުރައްވާފައިވެއެވެ.
އަދި ”ބިއްސާވެރި 1 އާއި 2″ ގެ ނަމުގައި އަލީ ޝަރީފުގެ ދެ ޅެން ފޮތެއް ސަރުކާރުން ޝާއިއުކޮށްފައިވެ އެވެ.
އަލީ ޝަރީފު އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ މެސެޖުގައި ވިދާޅުވެފައިވަނީ އަލްމަރުޙޫމް ޢަލީ ޝަރީފް އިބްރާހީމް (ޏ.ޢަލީ ޝަރީފް) އަކީ، ދިވެހި ބަހުގެ އަދީބެއް ކަމަށެވެ.
އެމަނިކުފާނަކީ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ތަޖްރިބާކާރު ޚިދުމަތްތެރިއެއް. ދިވެހި ޅެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޙާޞިލްކުރެއްވި ކުޅަދާނަ ޝާޢިރެއް. 31 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރުގެ އެކި މަޤާމުތައް ފުރުއްވި ހީވާގި، މުރާލި ބޭފުޅެއް“ ރައީސް ވިދާޅުވިއެވެ.
މަރުޙޫމް ޢަލީ ޝަރީފަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون




