ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު ސޮއިކުރައްވާފައިވާއިރު، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ޝުޖާޢު ވަނީ ރާއްޖޭގެ މުޖުތަމަޢު އަމާން މުޖުތަމަޢަކަށް ހެދުމަށް އެ ޚިދުމަތުން ކުރައްވަމުންދާ މަސައްކަތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަބަދުވެސް ދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްކަން ފާހަގަކުރެއްވާފައެވެ.
ޝުޖާޢު އިތުރަށް ވިދާޅުވީ ފުލުހުންނަކީ ދީނީ ގޮތުން ޤާބިލް ބަޔަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައިވެސް އެވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަކީ އަބަދުވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއެކީ ގުޅިގެން، އެކުއެކީގައި މަސައްކަތްކުރައްވާ މުއައްސަސާއެއް ކަމަށެވެ.
މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ ލީޑަރޝިޕްގައި މި ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި ވަޒީރު ވަނީ އެކަމަށްޓަކައި ޝުކުރު އަދާކުރެއްވާފައެވެ.
މީގެއިތުރުން، ރާއްޖޭގެ އަމާންކަން ދެމެހެއްޓުމަށްޓަކައި އަދި ރަނގަޅު ހެޔޮ ފިކުރު ދެމެހެއްޓުމަށްޓަކައި ފުލުހުން ކުރައްވަމުން ގެންދަވަނީ ވަރަށް ބުރަ، އަދި އެހާމެ ބޮޑު ޤައުމީ ޚިދުމަތެއްކަމަށާއި، މިނިސްޓްރީގެ މަސްއޫލިއްޔަކީ އެ މުއައްސަސާއިން ކުރައްވަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ދެއްވުންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.



