ސްކޫލް ޓާމް ބަންދުގައި އިތުރު ހަރަކާތްތައް ނުބާއްވަން އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަނެއްކާވެސް އަންގައިފިއެވެ.
މިގޮތުން، ސްކޫލް ޓާމް ބަންދުގައި އިތުރު ހަރަކާތްތައް ނުބޭއްވުމަށް އަންގާފައިވެއެވެ. މީގެ ކުރިން ވެސް މިނިސްޓްރީން ވަނީ ޓާމް ބަންދުތަކުގައި ޓީޗަރުން ސްކޫލުތަކަށް ނެރުމާއި، ދަރިވަރުން އިތުރު ހަރަކާތްތަކަށް ނެރުން މަނާކޮށްފައެވެ.
ބައެއް ސްކޫލުތަކުން ޗުއްޓީއާ ދިމާކޮށް އިތުރު ހަރަކާތްތައް ހިންގާ ކަމުގެ ޝަކުވާ ބެލެނިވެރިން ކުރުމާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަދު އަލުން މި އެންގުން އަންގާފައެވެ. މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ސައީދު މުހައްމަދު ވިދާޅުވީ، މި އަންނަ ޗުއްޓީގައި ވެސް އެއްވެސް އިތުރު ހަރަކާތެއް ސްކޫލުގައި ދަރިވަރުންނާއި ޓީޗަރުން ބައިވެރިކޮށްގެން ބޭއްވުން މަނާވާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް އެއްވެސް ބަޔަކަށް ހުއްދަ ދީފައި ވެސް ނުވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ނަމަވެސް، އެސޯސިއޭޝަންތަކުން އަމިއްލައަށް ބާއްވާ ކޭމްޕްތަކާއި އިތުރު ހަރަކާތްތައް ބޭއްވޭނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް، އެކަން ވާންޖެހޭނީ ސްކޫލުން ބޭރުގައި އަމިއްލައަށް ބައިވެރިވެގެން ހިންގާ ހަރަކާތްތަކަށް ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންނަށާއި އެ ސްކޫލުތަކަށް ނިސްބަތްވާ ޓީޗަރުން މި އަންނަ ޗުއްޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވުމަށް މިހާރު ސްކޫލުތަކަށް އަންގާފައިވާނެ ކަމަށާއި، ސްކޫލްގެ ނަމުގައި އެފަދަ އިތުރު ހަރަކާތްތަކުގައި ބައިވެރި ނުވުމަށް އަންގާފައިވާނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
ދެވަނަ ޓާމުގެ މިޑް ބްރޭކް ފެށޭނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އަދި ދެން ސްކޫލުތައް ހުޅުވާނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.




