ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިދިޔަ އޮގަސްޓު މަހު ސައީދު ޕީއެސްއެމްގެ އެމްޑީއަކަށް އައްޔަނުކޮށްފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
މިކަމާއި ގުޅޭ ގޮތުން ޕީއެސްއެމްއިން އަދި ސައީދު ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ސައީދު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ޖަލްސާއެއްގައި ކީރިތި ޤުރުއާނުން ފަށާ، ޤުރުއާނުން ބައެއް ލައިވުން އުނިވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފައިވާ ދަނޑިވަޅެއްގައެވެ.
މިމައްސަލާއިގައި އިދިކޮޅު އެމްޑީޕީއިން ވެސް ވަނީ ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސްގެން ޕީއެސްއެމުން ދައްކަމުންދާކަމަށް ބުނެފައެވެ.
މިކަމާއި ގުޅިގެން ސައީދު ވަނީ، ޤުރުއާނުން ބައެއް އުނިވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި އެ ކަމުގައި އިހުމާލުވި މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށް ބުނެފައެވެ.
މީގެއިތުރުން، އެފަހުން ޕީއެސްއެމްގެ އިނގިރޭސި ޚަބަރުގައި ބޭއަދަބީ މަންޒަރެއް ދެއްކި މައްސަލައެއްގައި ވެސް ދެ މުވައްޒަފަކު ވަނީ ސަސްޕެންޑު ކޮށްފައެވެ.



