ޚާލިދް ނަބްހާން މުޅި ދުނިޔެއަށް އެނގިގެން ދިޔައީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިޒްރޭލުގެ ޔަހޫދީ ސިފައިން ދިން ނިރުބަވެރި ހަމަލާއެއްގައި އޭނާގެ އެންމެ ހަގު ކާފަ ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑަށްކީ ވަދާޢީ ސަލާމަށްފަހުއެވެ.
އުމުރުން އެންމެ ތިން އަހަރުގެ ރީމްގެ ފުރާނަ ނެތް މަސްގަނޑުގައި ވަރަށް ލޯބިން ބައްދާލައިގެން ހުރެ، އުމުރަށް ލެއްޕިފައިވާ އެ ތުއްތު ދެ ލޮލަށް ބޮސްދެމުން ނުހަނު ހިތްވަރާއެކު ޚާލިދު ބުނީ އެއީ އޭނާގެ ”ރޫހުގެ ރޫހް“ (ރޫހް އަލް-ރޫހް) ކަމުގައެވެ. އެމަންޒަރު ދުށް އެންމެންނަށް ޚާލިދުގެ އެ ބަސްތަކުން ނުހަނު ފުން އަސަރުތަކެއް ކުރިއެވެ. ލޯބިވާ ކާފަ ދަރިފުޅާ ވަކިވާން ޖެހުމުން ނުހަނު ހިތްދަތިވި ކަމުގައިވިޔަސް އޭނާ ކުރި ހިތްވަރާއި، އެކަލާނގެ ހަޟްރަތަށް އެއްވެސް ޝަކުވާއެއް ނުކުރާކަން ވެސް އެންމެން ފާހަގަ ކުރިއެވެ.
އެއަށްފަހު ޚާލިދު އެކި ވީޑިއޯތަކުން އާންމުވިއެވެ. ކޮންމެ ވީޑިއޯއެއްގައި ވެސް އޭނާ އެދިފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުން އެ ޤައުމު ސަލާމަތް ކުރުމަށް އެދި މާތް ﷲ ހަޟްރަތުގައި ދުޢާ ކޮށްދިނުމަށެވެ. އަދި އެކަލާނގެ އަބަދުވެސް އެމީހުންނާއެކުވުމަށް އެދި ދުޢާ ކޮށްދިނުމަށް ވެސް ޚާލިދު އެދިފައިވެއެވެ.
ޚާލިދުއަކީ އޭނާގެ އާއިލާގެ އިތުރުން އެހެން މީހުންނަށް ވެސް ނަމޫނާއަކަށްވި ރަނގަޅު، ހިތްހެޔޮ މީހެއްކަން އެންމެންވެސް ފާހަގަ ކުރެއެވެ. ހާލުގައި ޖެހިފައިތިބި ޣައްޒާގެ އެހެން ރައްޔިތުންނަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި ހިތްވަރުދީ ހެދިއެވެ. ދުވަހަކު ވެސް އުންމީދުކަނޑާނުލުމަށް ނަސޭހަތްތެރިވިއެވެ. މަގުމަތިން ބުޅަލެއް ފެނިއްޖެނަމަ އެތަކެއްޗަށް އޯގާތެރިވެ ކާންދީ ހެދިއެވެ. މަދުން ނަމަވެސް ފައިސާއެއް ލިބޭނެ މަސައްކަތެއް ފެނިއްޖެނަމަ އެ މަސައްކަތެއްކޮށް، އުމުރުން 54 އަހަރުގައި ވެސް ހިތްވަރާއެކު އޭނާގެ އާއިލާ ބެލެހެއްޓިއެވެ. އޭނާގެ އާއިލާއިން ބުނާ ގޮތުގައި އެއާއިލާއަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ވެސް ޚާލިދު އެވެ.

ނަމަވެސް އެއާއިލާއާއި އެތައް ބަޔަކަށް މިއަދު މިވަނީ ފޫނުބެއްދޭވަރުގެ ހިތްދަތިކަމަކާ ކުރިމަތިލާން ޖެހިފައެވެ. ޔަހޫދީ އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި މީގެ ހަތަރު ދުވަސް ކުރިން ޚާލިދު ޝަހީދުވެއްޖެއެވެ.
ޚާލިދު ވަކިވުމުން އެންމެ ފުން އަސަރެއް ކުރި އެކަކީ އޭނާގެ އެންމެ ދޮށިދަރިފުޅު މައިސާ ނަބްހާން (ރީމްގެ މަންމަ) އެވެ. ގިނަ ބަޔަކާއެކު ބޯހިޔާވަހިކަން މިހާރު ހޯދާފައިވާ މައިސާ، އެގޭގެ ފެންޑާގައި އިނދެ އޭނާގެ ފޯނުން ޚާލިދުގެ ފޮޓޯތަކަށް ބަލަމުން ބުނީ ބައްޕައަކީ އޭނާގެ އެންމެ ބޮޑު ހިތްވަރު ކަމަށާއި އަމިއްލަ ދެ ދަރިން މީގެ ކުރިން ޝަހީދުކޮށްލުމުން ލިބުނު ހިތާމައާ ކުރިމަތިލާން ވެސް އެންމެ ބޮޑަށް ފަސޭހަވީ އޭނާގެ ބައްޕަގެ ސަބަބުން ކަމަށެވެ. ނަމަވެސް މިއަދު އެ ބައްޕަވެސް ޝަހީދުކޮށްލުމުން އޭނާ މުޅިން ފުނޑުފުނޑުވެއްޖެ ކަމަށް މައިސާ ބުންޏެވެ.
ޚާލިދުގެ ވަކިވުމުން ހިތްދަތިވީ ހަމައެކަނި މައިސާ އެކަންޏެއް ނޫނެވެ. ޣައްޒާގެ ގިނަ ރައްޔިތުންނާއި ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުސްލިމުން ވެސް މިހިތާމައިގައި ދަނީ ބައިވެރިވަމުންނެވެ.



