މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހަށް މޫސުން އިތުރަށް ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤާއުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މި ދުވަސްވަރަކީ ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށްވާތީ މިދުވަސްވަރު ކޮޅިގަނޑުތައް އުފެދުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.
އެގޮތުން މިހާރު ކުރަމުންދާ ވިއްސާރާގައި ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.
އެހެންކަމުން ބުރާސްފަތި، ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހު ވަރަށް ބޮޑަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށާއި މި ދުވަސްވަރު ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ދެކުނާި މެދުރާއްޖެތެރޭގެ އިތުރުން އުތުރުގެ ރަށްތަކަށް ވެސް މޫސުން ކޮންމެވެސް ވަރަކަށް ގޯސްވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.



