ކ. ގުރައިދޫ އިން ފެނުނު ހަތަރު މަހުގެ ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލައިފިއެވެ.
މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 އާއި 3:00 އާ ދެމެދު ގުރައިދޫގައި ހަތަރު މަހުގެ ތުއްތު ކުއްޖަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށާއި ނިޔާވެފައި އޮތްއިރު އެކުއްޖާގެ ނޭފަތުން ލޭ އައިސްފައިވާ ކަމަށް މީސްމީޑިއާގައި ވަނީ ޚަބަރު ފެތުރިފައެވެ. އަދި އެކުއްޖާގެ ހަށިގަނޑު ފެނުނު ގެއާއި އެ ސަރަހައްދު ފުލުހުން އިތުރަށް ތަހުގީގު ކުރުމަށް ބަންދުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު އެދުވަހު ވިދާޅުވީ ގުރައިދޫގައި ހަތަރު މަހުގެ ކުއްޖަކު މަރުވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކުއްޖާގެ ހަށިގަނޑުގެ އޯޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް މިއަދު މެންދުރު 12:00 ގައި އެކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.




