ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވޭޕްކުރުމާ ދެކޮޅަށް ވަކާލާތުކޮށްދެއްވުމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޔުނިސެފުން އިސް ނަގައިގެން ފަށާފައިވާ ސިލްސިލާ މަޝްވަރާތަކުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމާއި ވޭޕް މަނާކުރުން ތަންފީޒުކުރުމުގެ މައުލޫއު އަށް ބޭއްވި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ ދިވެހިންގެ ދުޅަހެޔޮކަމަށް ހެޔޮއެދޭ ހުރިހާ އެންމެން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވޭޕްކުރުމާ ދެކޮޅަށް ވަކާލާތުކޮށްދިނުމަށާއި ގިނަ ދުވަސްވީ އެ ފަދަ އާދަތައް ނައްތައިލުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.
ނަމަވެސް އެންމެން ގުޅިގެން މަސައްކަތް ފަށައިފިނަމަ، އެކަމަކީ ކާމިޔާބު ކުރެވިދާނެ ކަމެއް ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑުގެ އިލްތިސާމަކީ ދިވެހި ގައުމުގެ ދުޅަހެޔޮކަމަށް ހެޔޮއެދޭ ކޮންމެ ފަރާތަކުން، ކޮންމެ ދިވެހި ރައްޔިތެއް އެ މައުލޫއުގައި އިހުލާސްތެރިކަމާ އެކު ވާހަކަ ދައްކަވައި، މިކަމުގައި އެޑްވޮކޭޓް ކުރައްވާ ބޭފުޅަކަށް ވެ ލެއްވުން“ ހެލްތު މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަކީ ދައުލަތުގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އެ އަމާޒަށް ވާސިލް ވާން ޕްރިވެންޓިވް ހެލްތު ކެއާ ހަރުދަނާކޮށް، ފުޅާކުރުމަކީ އެމަނިކުފާނު ކުރައްވާ އުންމީދެއް ކަމަށެވެ. އަދި އަންނަ އަހަރު ނިމުމުގެ ކުރިން މީހުން ތަމްރީނުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.



