ސީލައިފްގެ ޚިޔާނާތުގެ ދައުވާ އުފުލިފައިވާ އަހުމަދު މޫސާ (އައްމަޓީ) 14 ދުވަހަށް ރާއްޖެއިން ބޭރަށް ދާން ކްރިމިނަލް ކޯޓުން މިއަދު ހުއްދަ ދީފިއެވެ.
ފްލެޓު އިމާރާތް ކޮށްދޭނެ ކަމަށްބުނެ ސީލައިފް ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި އެކުންފުނީގެ ވެރިޔާ އައްމަޓީގެ މައްޗަށް ޚިޔާނާތުގެ ދައުވާކޮށް، އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފައެވެ.
މިއަދުގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުން ބުނެފައިވަނީ އައްމަޓީގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން އަމުރުކުރީ އެހެން މީހަކު ޖާމިނު ކުރުމަށް ފަހު ރާއްޖެއިން ބޭރަށް ދާން އައްމަޓީގެ ފަރާތުން ހުށަހަޅާފައިވާތީ ކަމަށާއު އެކަމަށް ދައުލަތުން ވެސް ދެކޮޅު ހަދާފައިނުވާ ކަމަށެވެ.
އެހެންކަމުން ރާއްޖެއިން ބޭރަށް އައްމަޓީ ފުރުމުގެ ކަންކަން އިމިގްރޭޝަނުން ހަމަޖައްސައިދޭ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް އޭނާއަށް އެ ހުއްދަ ދީފައިވާ ކަމަށާއި އެ މުއްދަތުގެ ކުރިން އޭނާ އެނބުރި ރާއްޖެ އަންނަން ޖެހޭނެ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.




