ވޭޕް ބޭނުންކޮށްގެން މިހާތަނަށް ހަތަރު މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު މިޑިއާ އާއި ހިއްސާ ކުރި މެސެޖެއްގައި ބުނެފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި ހިލާފުވި ހަތަރު ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ޖޫރިމަނާގެ އަދަދު ޖުމްލަ 20،000 ރުފިޔާ އަށް އަރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޖޫރިމަނާކޮށްފައިވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އާއި ވޭޕް ކުރުމަށް ބޭނުންވާ ތަކެތި އެތެރެ ކުރުން މަނާކޮށްފައިވާއިރު، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕްގެ ވިޔަފާރިކުރުމާއި ބުއިން ވެސް ވަނީ މަނާކޮށްފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މިދިޔަ މަހުގެ 13 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވާފައިވާއިރު، މިގާނޫނާއި ޚިލާފުވެއްޖެނަމަ ބޮޑު އަދަދުތަކަކުން ޖޫރިމަނާކުރުމަށް ގާނޫނުނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން،
- ވޭޕާއި ވޭޕް ކުރަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކޮށްފިނަމަ، އެތެރެ ކުރި މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ
- އެތެރެ ކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާގެ މަގުން ޖޫރިމަނާ
- ރާއްޖޭގައި ވޭޕް ވިއްކާ ކޮންމެ މީހަކަށް 20،000 ރުފިޔާގެ ޖޫރިމަނާއެއް، އަދި ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ
- ހިލޭ މީހަކަށް ވޭޕެއް ދީފިނަމަ 10،000 ރުފިޔާގެ ޖޫރިމަނާއެއް
- ވޭޕް ބޭނުން ކުރާ މީހަކު 5،000 ރުފިޔާއިން ޖޫރިމަނާ
ގާނޫނު އިސްލާހުކޮށްފައިވާއިރު، މިސަރުކާރުން ދަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ މުޖުތަމައެއް ބިނާ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.



