ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 18،919 ބިދޭސީންގެ ބަޔޯމެޓްރިކް މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މި މަސައްކަތް ރާއްޖޭގެ 194 ރަށެއްގައި ފަށާފައިވާއިރު، މިހާރު 50 ރަށެއްގައި މި މަސައްކަތް ނިމިފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
އޮޕަރޭޝަން ކުރަނގި އަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤާނޫނާއި ޤަވާއިދުގެ ދަށުންތޯ ބަލައި ޗެކްކުރެވެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ކުރިން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކޮށްގެން މަޢުލޫމާތު އެއްކުރުމަށްފަހު، އެ މަޢުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލެވޭނެއެވެ.



