އޮޅުވާލައިގެން ފަތުރުވެރިން އަތުން ފައިސާ ހޯދުމަށް ސްކޭމް ހިންގާތީވެ އެކަމަށް ސަމާލުވާން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން އިލްތިމާސްކޮށްފިއެވެ.
މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ސޮއިކުރައްވައި، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލަށް ފޮނުއްވި ސިޓީއެއްގައި މޯލްޑިވްސް އެންޓްރީގެ ނަމުގައި ހިންގާ ވެބްސައިޓަކުން ރާއްޖޭގެ އިމިގްރޭޝަންގެ ޓްރެވަލް ޑިކްލަރޭޝަން ފަސޭހަކޮށްދޭ ކަމަށް ބުނެ ދޮގު މައުލޫމާތު ދީގެން ފަތުރުވެރިން އަތުން ފައިސާ ހޯދަމުންދާ ކަމަށް ބުނެފައިވެއެވެ.
އެ ސްކޭމްގައި ޖެހި ފަތުރުވެރިންތަކެއްގެ އަތުން ފައިސާ ގެއްލިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާކަން ފާހަގަކޮށް މަޓާޓޯއިން ބުނީ މީގެ ސަބަބުން ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތް ރާއްޖޭގެ ނަން ހަޑިވާ ކަމަށެވެ.
އެހެންކަމުން މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅައި، އިމިގްރޭޝަނާއި ފުލުހުންނާ ގުޅިގެން އެ ސްކޭމްގެ މައްސަލަ ތަހުގީގު ކުރުމަށް މަޓާޓޯއިން ވަނީ ގޮވާލާފައެވެ. އަދި ފަތުރުވެރިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއެކު، އެންމެ އަވަހަށް އެ ވެބްސައިޓް ބަންދު ކުރުމަށް ވެސް ވަނީ މަޓާޓޯއިން ވަނީ އެދިފައެވެ.



