ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ރިސާޗް ފައުންޑޭޝަން މިއަދު އިފްތިތާހުކޮށްފިއެވެ.
މިއަދު ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ރިސާޗް ފައުންޑޭޝަން އަދި ރިސާޗް ފައުންޑޭޝަންގެ ވެބްސައިޓް އިފްތިތާހުކޮށްދެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީއެވެ.
ދިވެހިންނަށް ދިރާސާކުރުމުގެ އިތުރު ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ގާއިމްކޮށްފައިވާ މިފައުންޑޭޝަންގެ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، ރިސާޗް ފައުންޑޭޝަނެއް އުފެއްދި އެންމެ ބޮޑު އެއް ސަބަބަކީ އެކި ދާއިރާތަކުން ކިޔަވައިގެން ތިބި ތައުލީމީ ޒުވާނުން ކުންފުނީގައި ތިބުމާއި، ކުންފުންޏަކީ ރިސޯސްފުލް ކުންފުންޏަކަށްވެފައި، އެ ފަދަ މަސައްކަތެއް ކުރާނެ ގާބިލްކަމާއި، ވަސީލަތެއް ސްޓެލްކޯގައި ހުރުމުން ކަމަށެވެ.
މިރަސްމިއްޔާތުގައި އެސްއާރުއެފްގެ ވައިސް ޗެއާޕާސަން އަދި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ، ރިސާޗަކީ ސްޓެލްކޯއާއި ވަރަށް ބޮޑަށް ލާމެހިފައިވާ މަސައްކަތެއްކަމަށާއި، ކުންފުނިން ފޯރުވައިދޭ ޚިދުމަތްތަކުގެ ގޮތުން، އެ ޚިދުމަތްތައް އެއް ހަރުފަތަކުން އަނެއް ހަރުފަތަށް ގެންދިއުމުގައި އިޖާދީ ބަދަލުތަކާއި، އަމިއްލަ އިސްނެންގެވުމުގެ ތެރެއިން ކުރެވޭ މަސައްކަތަށް ރިސާޗަކީ ވަރަށް މުހިއްމު ކޮންޕޯނެންޓެއް ކަމަށެވެ.
ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ، އައު ހަރުފަތަކަށް ގެންދިއުމުގެ މަގުސަދުގައި ސްޓެލްކޯ އިން އިފްތިތާހުކޮށްފައިވާ ރިސާޗް ފައުންޑޭޝަނުން ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާޓްސް އަދި މެތެމެޓިކްސް (STEAM) ދާއިރާތައް ކުރި އެރުވުމަށް އެންމެ ޒަމާނީ ދިރާސާތައްކޮށް އަލަށް ތައާރަފްވަމުންދާ ޓެކްނޮލޮޖީ ހޯދާނެއެވެ.




