ބިންވެރިޔާ ސްކީމްގެ އުސޫލުން ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި ކަމަށް ބުނާ މައްސަލަ ބަލާ ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މިމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ބިންވެރިޔާ ސްކީމްގެ އުސޫލުން ބޭރުން ގޯތި ދީފައިވާ ކަމަށާއި މިކަން ސަރުކާރުގެ ސަމާލުކަމަށް އައިތާ ފަސް މަސް ވީއިރު ވެސް، އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައިނުވާ ކަމަށެވެ.
މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ މިއީ ސީރިއަސްކޮށް މަޖިލީހުން ބަލަން ޖެހޭ މައްސަލައެއް ކަމަށާއި އަދި މިކަން ހިނގި ގޮތް ބަލައި، މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މަޖިލިސް ތެރެއިން އެޅުމަށެވެ.
ސޯޝަލް މީޑިއާގައި ބިންވެރިޔާ ސްކީމްގެ ބޭރުން ހުޅުމާލެއިން ބަޔަކަށް ގޯތިތަކެއް ވިއްކި ލިޔުންތަކެއް އާންމުވެފައި ވަނިކޮށް ފުލުހުން ވަނީ ބިންވެރިޔާ ސްކީމް އާއި ގުޅޭ ޑޮކިއުމެންޓް ފޯރޖަރީގެ މައްސަލައެއް ތަހުގީގު ކުރާކަމަށް ބުނެފައެވެ.



