ބިންވެރިޔާ ސްކީމްގެ ރަޖިސްޓްރީ ހަވާލުކުރަނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ނޫން ކަމުގައި އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ. އެގޮތުން ފުލުހުން ބަލަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި ކަމަށް ބެލެވޭ މައްސަލަ އެކެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީން ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ރަޖިސްޓްރީ ހަވާލުކުރަނީ އެޗްޑީސީގެ ފަރާތުން ނޫން ކަމަށާއި އެތަކެތި އިޝޫކޮށްފައި އޮތީ ވެސް އެ ކުންފުނިން ނޫން ކަމަށެވެ. އެޗްޑީސީގެ އެމްޑީ ފަޒުލް ވަނީ މިމައްސަލައާ ގުޅޭގޮތުން އޭނާއަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރު ވެސް ކުރައްވާފަ އެވެ.
ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އެހެން މީހަކު ހިމެނޭ މައްސަލައެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފައެވެ.
ސޯޝަލް މީޑިއާއިން އާންމުވި ލިޔުންތަކުން ފެންނަ ގޮތުގައި ގޯތި ލިބުނު ކަމަށް ބުނާ ފަޒުލްގެ ބޭބެ އާއި އެހެން މީހަކު ވަނީ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީގެ ޕޯޓަލްއަށް ހުށަހަޅާފަ އެވެ. އެހެންވެ އެ ދެ މީހުންނަށް ގޯތި ލިބިފައިވާކަން ކަށަވަރު ކުރުމަށް ހައުސިން މިނިސްޓްރީއަށް އެޗްޑީސީގެ ނަމުގައި ފޮނުވާފައިވާ ސިޓީއެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަމާ ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ޖާގަދީ ފުރިހަމަ އެހީތެރިކަން ދިނުމުގެ ގޮތުން، އެ ތަހުގީގު ނިމި އެ ބޯޑުން ވަކި ގޮތެއް އަންގަންދެން އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފު ފިޔަވާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުންފުނީގެ އެމްޑީ ފަޒުލް ވެސް ހިމެނެއެވެ.




