ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ޖިނާއީ އަވަސް ތަޙުޤީޤެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަލްއުސްތާޛް ޢައްބާސް ޝަރީފު އަމުރުކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން އިޢުލާނުކޮށްފައިވާ ”ބިންވެރިޔާ“ އަދި “ގެދޮރުވެރިޔާ“ ސްކީމަށް އެދި ފޯމު ބަލައިގަތުމުގައާއި ގޯއްޗާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި، ކަނޑައެޅިފައިވާ އުޞޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ޢަމަލުކޮށްފައިވުމުގެ ކަންބޮޑުވުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މި ކަމަކީ ޢާންމު މަސްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ މިކަމަކީ ފުރިހަމަ ޖިނާއީ ތަޙުޤީޤެއް ހިންގަންޖެހޭ ކަމެއްކަމަށް ޕީޖީ ޢައްބާސް ދެކެވަޑައިގަންނަވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
އެހެންކަމުން، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބޭ ބާރުގެ ދަށުން، ”ބިންވެރިޔާ“ އަދި ”ގެދޮރުވެރިޔާ“ ސްކީމްގެ ފޯމު ބަލައިގަތުމާއި، ފްލެޓާއި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި ޢަމަލުކޮށްފައިވާ ގޮތުގެ ތަޙުޤީޤެއް ހިންގުމަށްފަހު، މިކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެމަ، އެކަން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކުރުމަށްޓަކައި އެ އޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ޕީޖީ ޢައްބާސް މިއަދު އަމުރުކުރައްވައިފިއެވެ.
އަދި މި މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާ ގޮތް، ކޮންމެ ހަފްތާއަކު އެއް ފަހަރު ޕީޖީއާ ޙިއްޞާކުރަމުން ގެންދިއުމަށާއި، މި މައްސަލައިގެ އަވަސް ތަޙުޤީޤެއް ހިންގުމަށް ވެސް އެމަނިކުފާނު ވަނީ އަމުރުކުރައްވާފައެވެ.




