މި ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށް ބުނެފިއެވެ.
އެހެންކަމުން، އެކަމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އެ އިދާރާއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ހުކުރު އަދި ހޮނިހިރު ދުވަހު އުތުރުގެ ރަށްތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ހަމަ އެ ދެ ދުވަހު ރާއްޖޭގެ އެހެން ހިސާބުތަކަށް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިހާރު މި އޮތީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށެވެ. އަދި މި ދުވަސްވަރަކީ ކޮޅިގަނޑުތައް އުފެދުމުގެ ފުރުޞަތު އޮންނަ ދުވަސްވަރެއް ކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
އެގޮތުން، ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދި، ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރިފަށާ ދިމާއަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި ހަމައެއާއެކު، ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނެ ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.
މިކޮޅިގަނޑުގެ ތެރެއިން މޫސުން ގޯސްވެ، ކުރި ވިއްސާރައިގައި ނ. ހެނބަދޫ 75 ގެއަކަށް ފެން ވަދެ ގެއްލުންތަކެއް ލިބިފައިވާއިރު، ހެނބަދޫގެ އިތުރުން ވިއްސާރައިގެ ސަބަބުން ޅ.ކުރެންދޫ، އަދި ނ. ކެނދިކުޅުދޫ އަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.



