”ބިނވެރިޔާ“ ސްކީމުގައި ނުހިމެނޭ ފަރާތަކަށް ގޯތި ދެވޭނީ ހައުސިންގް މިނިސްޓްރީއަށް ވެސް އެކަން އެނގިގެން ކަމަށް އެ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ތުހުމަތު ކުރައްވައިފިއެވެ.
އަކްރަކް ކަމާލުއްދީން މިހެން ވިދާޅުވެފައިވަނީ ”ބިންވެރިޔާ“ ސްކީމުގައި ނަން ނުހިމެނޭއިރު، އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިން ކަމަށް ބުނާ މައްސަލައެއް އިއްޔެ ފެންމަތިވުމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އެބައްދަލުވުމުގައި އަކްރަމް ކަމާލުއްދީން ވިދާޅުވީ އެކަން ހިނގާފައިވާނީ ހައުސިންގް މިނިސްޓްރީއަށް ވެސް އެނގިގެން ކަމަށާއި އެހެންކަމުން މި މައްސަލައިގައި މިހާރުގެ ހައުސިންގް މިނިސްޓަރު ޑރ. އަލީ ހައިދަރު ވެސް ސަސްޕެންޑުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
”ޖުލައި މަހު މިކަން އެނގިއްޖެ ހައުންސިންގް މިނިސްޓްރީއަށް. އެ މިނިސްޓްރީއަށް މިކަން އެނގުނު ހިސާބުން ފިޔަވަޅު ނޭޅުއްވިކަމަކީ ސުވާލު އުފެދޭކަމެއް. އެހެންވީމަ މިކަމުގަ ފަޒުލް އެކަނި ސަސްޕެންޑު ކޮށްގެން މިކަން ނިންމާލެވޭކަށް ނެތް. އަޅުގަނޑު ދަންނަވާނީ އެއީ ހަމަ އަޅުވާލި އަނދުނެކޭ“ އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.
ފުލުހުން ތަހުގީގު ކުރަމުންގެންދާ މިމައްސަލައާ ގުޅިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވަނީ އެޗްޑީސީގެ ބޯޑު މެންބަރުންގެ ތެރެއިން ޗެއަރމަން ފިޔަވައި ހުރިހައި މެންބަރުން ސަސްޕެންޑްކޮށްފައެވެ. އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ޕީސީބީން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނުކުންނަގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށްވެސް ޕީސީބީން ވިދާޅުވެފައިވެއެވެ،
އޭގެއިތުރުން މިމައްސަލަ ތަހުގީގު ކުރަމުންދާތީ ސަރުކާރަށާއި ފުލުހުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމްޑަބްލިޔުއެސްސީގެ ބޯޑުން މިއަދު ވަނީ އެކުންފުނީގެ ޑީއެމްޑީ ފަޒީލް ވެސް ވަކި ގޮތެއް އަންގަންދެން ސަސްޕެންޑު ކޮށްފައެވެ.



