މިސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުންތަކުން ސާފުވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު މިހެން ވިދާޅުވީ ”ބިންވެރިޔާ“ ސްކީމަށް ޝަރުތުވާ ލިސްޓުގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން ނެތްއިިރު، އޭނާ އަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ސަރުކާރުން އެމީހުންނާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ފެށުމުންނެވެ.
މިކަމުގައި ޖިނާއީ ތަހުގީގެއް މިހާރު ފަށާފައިވާކަމަށް އިއްޔެ ފުލުހުންވެސް ވަނީ ވިދާޅުވެފައެވެ. އަދި ތަހުގީގު ކުރިއަށްދާތީ އެކުންފުނީގެ ޗެއާމަން ފިޔަވައި، ބޯޑުގެ ހުރިހާ މެންބަރުން ވަނީ ސަސްޕެންޑުކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީ ފަޒުލް ވެސް ހިމެނެއެވެ. މީގެއިތުރުން ތަހުގީގު ކުރިއަށްދާތީ އެމްޑަބްލިޔުއެސްސީން ވަނީ އެކުންފުނީގެ ޑީއެމްޑީ ފަޒީލް ވެސް ވަކިގޮތެއް އަންގަންދެން ސަސްޕެންޑުކުރަން އެކުންފުނީގެ ބޯޑުން ނިންމާފައެވެ.
މިކަމާ ގުޅޭގޮތުން އާދަމް ޝަރީފު އުމަރު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދެއްވާނެކަން ރައީސް މުޢިއްޒުގެ ނިންމެވުންތަކުން ސާފުވާ ކަމަށެވެ.
”ރައްޔިތުންގެ ހައްޤަކަށް އުނިކަމެއް ލިބޭނެ އެއްވެސް ކަމެއް، ރައީސް މުޢިއްޒަށް އެނގިވަޑައިގެން ހިނގިޔަކަ ނުދެއްވާނެ. އެޔަޤީންކަން އެބައޮތް“ އާދަމް ޝަރީފު ވިދާޅުުވިއެވެ.
ބިންވެރިޔާ ސްކީމްގެ ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިން މައްސަލަ ފަޅާއެރުމުން ފުލުހުންނާއި އޭސީސީ ގުޅިގެން ވަނީ ބޮޑު ތަހުގީގެއް މިހާރު ފަށައިފަ އެވެ. އަދި ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވަނީ ފުލުހުންނާއި އޭސީސީ އަށް މިއަދު އަމުރު ކުރައްވައިފަ އެވެ.



