ޕެންޝަނާ ގުޅޭ ދިރާސާތައް ކުރުމާއި އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްއެންޔޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް އާއި ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޝުޖާޢަތު ހަލީމްއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާ ގުޅިގެން ޕެންޝަނާ ގުޅޭ ދިރާސާ މަޝްރޫޢުތައް ރާވައި ހިންގުމަށާއި، މަޢުލޫމާތާއި ތަފާސްހިސާބު ހޯދުމުގައި އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން، ޕެންޝަނާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް އަމާޒުކޮށްގެން އެކި ޕްރޮގްރާމްތައް ހިންގުމަށްވެސް ވަނީ ރޭވިފައެވެ.
އެމްއެންޔޫގެ ފަރާތުން މަޢުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ދެ މުއައްސަސާގެ ކުރިއެރުމަށާއި މުޖުތަމަޢަށް ފައިދާހުރި އައު ފުރުޞަތުތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.



