މާލެ ސަރަހައްދުގެ މައި މަގުތަކުގައި ނުގަވާއިދުން ވެހިކަލް ޕާކުކުރުމުގެ މައްސަލަ އިތުރުވަމުން ދިއުމާ ގުޅިގެން، މިފަދަ އުޅަނދުތައް ޓޯކުރަން ފެށުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.
މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާލޭގެ ބައެއް މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނާއި އެއްގަމު އުޅަނދުތަކަށް، ޚާއްޞަކޮށް ބަހާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކުރަމުންދާކަމަށެވެ. މިކަމާ ގުޅިގެން، ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމަށް ނިންމާފައިވާ މަގުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގު، މަޖީދީ މަގު، އަމީނީ މަގު، ސޯސަން މަގު، އޯކިޑު މަގު އަދި އަމީރު އަހުމަދު މަގު ހިމެނެއެވެ.
މިއީ ފުރަތަމަ ފަހަރެއް ނޫންކަން ފާހަގަކޮށްލެވެއެވެ. މިދިޔަ މާރިޗު މަހުވެސް ނުގަވާއިދުން ޕާކުކުރުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން ފުލުހުން ވަނީ އުޅަނދުތައް ޓޯކުރަން ފަށާފައެވެ.
ފުލުހުންގެ އެންގުންތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ ދަށުންކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. މި ފިޔަވަޅުތަކުގެ މަޤްޞަދަކީ މަގުތަކުގައި ދަތުރުފަތުރު ކުރުމުގެ ނިޒާމު ހަރުދަނާކޮށް، އާންމު ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ކުޑަކުރުންކަމަށް ފުލުހުން ބުނެފައިވެއެވެ.



