ބިންވެރިޔާ ސްކީމްގެ ދަށުން ލިސްޓުގައި ނެތް ފަރާތްތަކަކަށް ގޯތި ދީފައިވާކަމަށް ބެލެވޭ މައްސަލައިގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް މިހާތަނަށް އެއްވެސް ތުހުމަތެއް ނުކުރެވޭކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ތަޙުޤީޤު ކުރިއަށްދާ ވަރަކުން އެއްވެސް ފަރާތަކަށް ތުހުމަތެއް ކުރެވިއްޖެނަމަ އެފަރާތަކާ ސުވާލުކޮށް ތުހުމަތު އިއްވާނެ ކަމަށެވެ.
”އެހެން ނަމަވެސް ތަހުގީގު ދާވަރަކުން އެއްވެސް ފަރާތަކަށް ތުހުމަތެއް ކުރެވޭކަމަށް ވަންޏާމުން އެފަރާތަކާ އެ ސުވާލުކޮށް ތުހުމަތު އިއްވާނަން،“ ކޮމިޝަނަރ އޮފް ޕޮލިސް ޝަރީފް ވިދާޅުވީ ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރޭގައި ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު ހިމެނޭކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ އާންމުވެފައެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ފަޒީލާ ސުވާލުކޮށްފައިވާ ކަމަށެވެ.
ފަޒުލް ރަޝީދު ވިދާޅުވެފައިވަނީ މި މައްސަލައިގައި އޭނާގެ މަސްލަހަތެއް ނެތް ކަމަށާއި، މި މައްސަލަ ފެންމަތިވެފައިވަނީ އޭނާގެ ބޭބެއާ ގުޅިގެންކަމީ އިއްތިފާގެއް ކަމަށެވެ. ފުލުހުން މިހާރު މި މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ކުރިއަށް ގެންދަނީއެވެ.



