ބުރާސްފަތި ދުވަހުގެ ރޭ ޣައްޒާ ސިޓީއާއި ރަފާހުގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 6 ފަލަސްތީނު މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ. މި ހަމަލާތައް އަމާޒުކުރެވުނީ ޣައްޒާގެ އުތުރާއި ދެކުނަށެވެ.
ރަފާހުގެ އިރުމަތީގައިވާ އަލް-ޖެނެނާ ސަރަހައްދުގައި އުޅުނު އުޅަނދަކަށް އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ދިން ހަމަލާއެއްގައި 3 މީހުން މަރުވިއެވެ. އަދި ޣައްޒާ ސިޓީގެ ދެކުނުގައިވާ އަލް-ސަބްރާ ސަރަހައްދުގައި ހުރި ސުލްޠާން ބޭކަރީގެ ކުރިމަތީގައިވާ ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އިތުރު 3 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވިއެވެ.
މި ހަމަލާތަކުގެ ސަބަބުން ގެއްލިފައިވާ މީހުން ހޯދުމަށް ސަލާމަތްކުރުމުގެ ޓީމުތަކުން މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާތަނަށް މަދުވެގެން 45،129 ފަލަސްތީނު މީހުން މަރުވެފައިވާކަން ލިޔެކިޔުންތަކުން އެނގެއެވެ. އަދި 107،338 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެތައް ހާސް މީހުން ވަނީ ތަޅާލެވިފައިވާ އިމާރާތްތަކުގެ ތެރޭގައި ތާށިވެފައެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ކުއްލި ނުރައްކަލުގެ އަދި މަދަނީ ދިފާއީ ޓީމުތަކަށް އެ މީހުންނާ ހަމައަށް ވާސިލުވުމަށް ދަތިވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
އދ. ގެ ސަލާމަތީ މަޖިލީހުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވުމާއި، ބައިނަލްއަޤްވާމީ ކޯޓުން ނަސްލު ހަލާކުކުރުން ހުއްޓުވުމަށާއި ޣައްޒާގެ ނާޒުކު އިންސާނީ ހާލަތު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަންގާފައިވީ ނަމަވެސް، އިސްރާއީލުން ދަނީ ނަސްލު ހަލާކުކުރުމުގެ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށްގެންދަމުންނެވެ.



