ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުގައި ހުންނެވި ޝިއުނާ އަޙްމަދު އިއްޔެ އެ މަޤާމުން ވަކިކުރައްވައިފިއެވެ.
މި ޚަބަރު އާންމުވެގެން ދިޔައީ ޝިއުނާ އަޙްމަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓަކުންނެވެ.
ޝިއުނާ އަޙްމަދުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ އޭނާއަށް މަޤާމުން ވަކިކުރިކަން އަންގާފައިވަނީ އިއްޔެ ހަވީރު 3:36 ގައި ކަމަށެވެ. އެހެންނަމަވެސް، މަޤާމުން ވަކިކުރި ސަބަބު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ޝިއުނާ އަޙްމަދު ވަނީ އެއްވެސް ކޮރަޕްޝަންގެ ޢަމަލެއްގައި އޭނާ ބައިވެރިވެފައި ނުވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވާ މިދަނޑިވަޅުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ މެދުގައި އޮންނަ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮރަޕްޝަނާ ގުޅުންހުރި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެކަމުގެ ހަރުކަށި އިންޒާރެއް ދެއްވާފައެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ލިބުމުން އަންގައިދޭނަމެވެ.




