ޣައިރު ދީނުގެ ޢީދުތައް ފާހަގަކުރުމުގައި މުސްލިމުން ބައިވެރިވުމަކީ ޙަރާމްކަމެއްކަމަށާއި، މިފަދަ ޢަމަލުތަކުން އަހުރެމެން ރާއްޖޭގެ މުޖުތަމަޢުތައް ސަލާމަތްވާންޖެހޭނެކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާގައި މުސްލިމުންގެ އިސްލާމްވަންތަކަމާއި ދީނީ ޝަޚްޞިއްޔަތު ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށް ބުނެފައި ވަނީ ޣައިރު ދީންތަކުގެ މީހުންނާ އެއްގޮތަށް މުސްލިމުން އުޅުމަކީ ދަންނަ ބޭކަލުންގެ އިޖުމާއުން ހުއްދަ ނުކުރާކަމެއް ކަމަށެވެ.
އެގޮތުން އަޤީދާއާއި، އަޅުކަމާއި އަޙުލާޤުގެ ކަންކަމުގައި ޢައިރު މުސްލިމުންގެ ދިރިއުޅުމާއި އެއްފަދައިން މުސްލިމުންގެ އަމަލުތައް ބަހައްޓައިގެން ނުވާނެކަމަށް ހުތުބާގައި ބުނެފައިވާއިރު، އެ މީހުންގެ ޚާއްޞަ އާދަކާދަތަކުގެ ތެރެއިން ހިމެނޭ ކަންކަމާއި، އެހެން ދީންތަކުގެ ޢީދުތައް ފާހަގަކުރުމުގައި ބައިވެރިވުން ފަދަ ކަންކަމުގައި އަހުރެމެން މުސްލިމުން އެ މީހުން ކޮޕީކޮށް، ނަކަލުކޮށް، އެއްގޮތްވުމަކީ ހުއްދަވެގެންވާ ކަމެއްނޫންކަމަށް ހުތުބާފައި ފާހަގަކޮށްފައިވެއެވެ.
ހުތުބާގައި ބުނެފައިވާ ގޮތުގައި، އިލްމުވެރިންގެ އިޖުމާއުން، މުސްލިމުން ޣައިރުމުސްލިމުންގެ ދީނީ ޝިޢާރުތަކަށް ތަބަޢަވުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. ހަމައެހެންމެ، އެއިގެ ތެރޭގައި އެ މީހުންގެ ޢީދުތައް ފާހަގަކުރުމާއި އެކަމުގައި ބައިވެރިވެ، ތަހުނިޔާކިޔުން ހިމެނޭނެކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ، ދީނާ ޚިލާފު ފިކުރުތަކުގެ އަހުލުވެރިން މުސްލިމުންގެ ހިތްތަކަށް ވެރިވެގަތުމަށް ޓަކައި ތަފާތު ދަޅަތަކާއި މަޅިތައް ޖަހައިގެން މުސްލިމުން އެ މީހުންގެ ޢަޤީދާއާއި ދީން މަނާކުރާ ކަންތައްތަކުގެ ތެރެއަށް ވައްޓައިލުމަށް މަސައްކަތް ކުރާކަމަށެވެ. އެ މީހުންނަށް ތަބަޢަވެއްޖައުމަށް ދާންދެން އެ މީހުންގެ މަސައްކަތް ހުއްޓައިނުލާނެކަން މާތް ﷲ ވަނީ އަންގަވާފައިކަމަށެވެ.
އިސްލާމީ މުޖުތަމަޢުގެ ބިންގަލަކީ ޢަޤީދާކަމަށާއި، ޣައިރު މުސްލިމުންގެ ޢީދުތަކާއި އެއުރެންގެ އަޤީދާއާ ގުޅިފައިވާކަންކަމުގައި ބައިވެރިވުން ޙަރާމްވުމަކީ، އެއުރެންނާ މެދު އިޙުސާންތެރިވެ ޢަދުލުވެރި ނުވާންވީ ސަބަބެއްނޫންކަމަށެވެ. އެގޮތުން ދިނާއި އަޤީދާއާ ގުޅުން ހުރި ކަންކަމަކީ ވަކި މައްސަލައެއްކަމަށާއި، މުސްލިމުންނާއި ޣައިރު މުސްލިމުންގެ ގުޅުމުގެ އަޞްލަކީ، އަނިޔާވެރިނުވާހައި ހިނދެއްގައި، ޞުލްހަވެރިކަމާއި އަދުލުވެރިކަން ބޭއްވުންކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ޞުލްޙަވެރިކަމާއެކު އުޅޭ ޣައިރު މުސްލިމުންނަށް އިޙުސާންތެރިކޮށް ހިތައި ޢަދުލުވެރިވުމަކީ އިސްލާމްދީނުގެ ތެރެއިންވާ ކަމެއްކަމަށެވެ. އަދި އިސްލާމީ ޙަޟާރަތުގައި ޣައިރު މުސްލިމުން އުޅެމުންދިޔައީ ރައްކާތެރިކަމާއި އަމާންކަމާއެކު ކަމަށާއި ޚާއްޞަކޮށް މެހުމާނުންނަށް ކަމޭހިތުމަކީ ދީނުގެ ތެރެއިންވާކަމެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.



