އިއްޔެ މާލޭގެ އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގަ އޮތް ފަށް ފޭރެން އުޅުނު މައްސަލައިގައި ހައްޔަރުކުރި މީހާގެ ވަނަވަރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރެވުނީ ވ. ފިޔަބަރި، މާލެ އެޑްރެހުގައި ދިރިއުޅޭ 30 އަހަރުގެ ހަސަން އިސާމެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށާއި، އިސާމް ހައްޔަރުކުރެވުނީ އެދުވަހުގެ 17:20 ގައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އަދި މި ހާދިސާގައި ބޭނުންކުރެވުނު ކަމަށް ޝައްކުކުރެވޭ ސައިކަލު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ދައްކާ ގޮތުން، ސައިކަލެއްގައި ދުއްވަމުން ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތުމަށް މަސައްކަތްކުރި މީހަކު ފެނެއެވެ. އެ މަސައްކަތް ކާމިޔާބު ނުވުމުން، އެ ފަރާތުން އަންހެން މީހާގެ އަތްދަބަސް ފޭރިގަންނަން މަސައްކަތްކުރި ކަމަށް ވެސް ވީޑިއޯއިން ދައްކައެވެ.
މި ހާދިސާ ހިނގިއިރު، މަގުމަތީގައި އެހެން މީހުން ވެސް އުޅުނު ކަމަށާއި، ޝައްކުކުރެވޭ ފަރާތް ފިލީ އެހެން ދެ ސައިކަލެއް އެތަނަށް އައިސް މަޑުކުރި ވަގުތު ކަމަށް ފާހަގަކުރެވެއެވެ.
މާލޭގައި މިފަދަ ފޭރުމާއި ބިރުދެއްކުމުގެ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވޭއިރު، މި މައްސަލައާ ގުޅޭ އިތުރު ތަޙްޤީޤުތައް ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.



