ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ކަރަންޓު ޚިދުމަތުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ 75 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކްސްގައި ޕޯސްޓެއް ކުރައްވަމުން ފަހުމީ ވިދާޅުވީ، ކަރަންޓުގެ ޚިދުމަތުގެ އަލިމަސްޔޫބީލާ ހަމައަށް ވާސިލުވެފައިވާއިރު، ޤައުމުގެ ތަރައްޤީއަށް ކަރަންޓުގެ ޚިދުމަތްތެރިން ކޮށްދީފައިވާ މަސައްކަތްތަކަކީ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.
”މި ސިނާއަތުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާމެދު ފަޚުރުވެރިވަން. ގޮންޖެހުންތަކާ ކުރިމަތިލައްވައިގެން، އަލިމަސް ޔޫބީލްއާ ހަމައަށް ވާސިލުވުމުގައި، މި ދާއިރާގައި މަސައްކަތްކޮށްދެއްވާފައިވާ އަދި މިހާރުވެސް މަސައްކަތްކުރައްވާ އެންމެހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން،“ ފަހުމީ ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް މުޢިއްޒުގެ ވެރިކަމުގައި ކަރަންޓުގެ ސިނާއަތުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް ކަމަށް ވެސް ފަހުމީ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފުރަތަމަ ފެށުނީ 1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އޭގެފަހުން އެކި ނަންނަމުގައި މާލޭގައި މި ޚިދުމަތް ދެމުން އައިސް، 1997 ވަނަ އަހަރު ސްޓެލްކޯ އުފެދުނެވެ.



