އައްޑޫން މާލެއަށް ދަތުރުކުރަމުންދިޔަ ”ސީމެކްސް“ ބޯޓުން ގެއްލުނު ނޭޕާލް ޤައުމުގެ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.
ފަޅުވެރިޔާ ގެއްލުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އޭގެ ފަހުން، އެމްއެންޑީއެފްގެ ފަރާތުން ދެ ދުވަހުގެ މުއްދަތަށް 304 ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައި ފާސްކުރިއެވެ. މީގެ އިތުރުން، އިއްޔެ ފުވައްމުލަކު ވަށައިގެންވާ ސަރަޙައްދުވެސް ބަލައި ފާސްކުރެވުނެވެ.
ފުލުހުންގެ ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، ފަޅުވެރިޔާ ބޯޓުގައި ނެތްކަން ފާހަގަކުރެވުނީ އައްޑޫ އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި، ފުވައްމުލަކާ 8 މޭލު ދުރުގައި ދަތުރުކުރަމުންދަނިކޮށެވެ. ”ސީމެކްސް“ ބޯޓު އައްޑޫން ފުރާފައިވަނީ ހޯމަ ދުވަހުގެ ރޭ 11:30 ގައެވެ.
އެމީހާ ހޯދުމަށް ކަނޑުމަގުން ކުރިއަށްގެންދިޔަ މަސައްކަތުގެ ތެރެއިން އޭނާގެ އެއްވެސް އަސަރެއް ފެނިފައެއް ނުވުމުން އެމްއެންޑީއެފްގެ ވަނީ އޭނާ ހޯދުމުގެ މަސައްކަތް މެދުކަނޑާލާފައެވެ.



