ފުވައްމުލަކާއި އައްޑޫ އަތޮޅާ ދެމެދުގެ ކަނޑު ގަދަވުމާ ގުޅިގެން ނެރެފައިވާ ރީނދޫ ސަމާލު ދަންމާލައިފިއެވެ.
މޫސުމާބެހޭ ޤައުމީ މަރުކަޒުން ވަނީ މިއަދު މެންދުރުފަހު 3:00 އިން ފެށިގެން ރޭގަނޑު 7:00 އަށް ފުވައްމުލަކާއި އައްޑޫ އަތޮޅާ ދެމެދަށް ނެރެފައިވާ ރީނދޫ ސަމާލު މިރޭ 11:00 އާ ހަމައަށް ދަންމާލައިފައެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުމާއެކު ކަނޑު ވަރަށް ބޮޑަށް ގަދަވާނެ ކަމަށާއި ވިއްސާރަ ކުރާ ސަރަހައްދުތަކުގައި ގަޑިއަކު 50 މޭލުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ފުޅާ ސަރަހައްދެއްގައި މިރޭ މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ މަރުކަޒުން ލަފާކޮށްފައިވެއެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކުގެ ކަނޑު އާންމު ގޮތެއްގައި ގަދަވާނެ ކަމަށްވެސް އެ މަރުކަޒުން ބުނެފައިވެއެވެ.
އެއިދާރާއިން ވަނީ ބާރަށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ވެސް މިރޭ 12:00 އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ މޫސުން ބަދަލުވާ މޫސުމާ ދިމާވެ، މި ސަރަހައްދުގައި އުފެދިފައިވާ ދެ ކޮޅިގަނޑެއްގެ ސަބަބުން ކުރާ އަސަރެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ. އަދި އަންނަ ހަފްތާގެ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން ގޯސްކޮށް ހުންނާނެ ކަމަށް އެ އެއިދާރާއިން ބުނެފައިވެއެވެ.



