ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިއަދު މެންދުރުފަހާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ވަނީ ކައިރި ކައިރީގައި ދެ ހުދު ސަމާލެއް ނެރެފައެވެ.
ފުރަތަމަ ހުދު ސަމާލު ނެރެފައިވަނީ އައްޑޫ ސިޓީން ފެށިގެން ލ. އަތޮޅާ ހަމައަށް، މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2:30 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ދެވަނަ ހުދު ސަމާލު ނެރެފައިވަނީ ތ. އަތޮޅުން ފެށިގެން ހއ. އަތޮޅާ ހަމައަށް، މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 3:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މި ސަރަހައްދުގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާދަމާއާ ހަމައަށް މޫސުން ގޯސްވާނެ ކަމަށާއި އެހެންކަމުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުންނާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ މިދިޔަ ބުދަ ދުވަހު އިންޒާރު ދެއްވާފައެވެ.




