ހއ. އިހަވަންދޫގައި ޑޮކްޔާޑެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު، އެ ރަށު ކައުންސިލުން އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
އެގޮތުން މި ޑޮކްޔާޑް ތަރައްޤީކުރުމަށް މިހާރު އެރަށުން ވަނީ އެއްލައްކަ އަކަފޫޓުގެ ބިމެއް ވެސް ހަމަޖެހިފައެވެ.
އެމްޕީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް އެވެ. އަދި އިހަވަންދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލު ރައީސް އަހުމަދު ސޮބާހް އެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ އެކުންފުނީގެ އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅު މި ޑޮކްޔާޑުގެ މަސައްކަތް ފެށުން ކަމަށާއި މި ސަރުކާރުން ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމާއިއެކު މި ސަރަހައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުތަކުގެ ފަރާތުން ޓެކްނިކަލް އެކިއެކި ކަންކަމަށް ރިކުއެސްޓް އަންނަކަމަށެވެ.
އެހެންކަމުން އެހެންކަމުން މި ޑޮކްޔާޑުން އެ އުޅަނދުތަކަށް ޓެކްނިކަލް ސަޕޯޓް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި ރިޕެއަރ އެންޑް މެއިންޓަނަންސްގެ ޚިދުމަތް ސީއީއޯ ވަޖީހު ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން އެ ސަރަހައްދަކީ މަސްވެރި އުޅަނދުތައް ގިނަ ސަރަހައްދަކަށްވުމުން އެ ސަރަހައްދުން ޑޮކިންގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ގިނަ އަދަދެއްގެ މަސްވެރިން އެދެމުންދާކަމަށްވެސް ވަޖީހު ވިދާޅުވިއެވެ. އެހެންކަމުން މި ޑޮކްޔާޑާއިއެކު މަސްވެރިންނަށްވެސް ފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.



