މިހާރު ފެންމަތިވެފައިވާ ބިންވެރިޔާ ސްކީމު މައްސަލައިގައި، ފޮރެންސިކް ތަހުލީލު ނުހަދައި ކުރީ ސަރުކާރުން ދޫކުރި ލިޔުންތަކެއް ކަމަށް ފުލުހުން ވިދާޅުވީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށް ހައުސިންގް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ޑޮކިއުމެންޓުތަކެއް ފޯޖުކުރި ކަމަށް ބެލެވޭ ޖިނާއީ މައްސަލައެއްގެ އަވަސް ތަހުގީގު ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފަށާފައެވެ.
މިކަމާ ގުޅޭގޮތުން ބައެއް މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން އެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ލިސްޓުގައި ނެތް މީހުން ސައްހަ ނޫން ލިޔެކިޔުންތައް ހޯދައިގެން ގޯތި ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށާއި އެގޮތުން ތިން ސްލޮޓެއް ހޯދުމަށް ހުށައަޅާފައިވާކަން މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާކަމަށެވެ.
އެގޮތުން ބައެއް ލޮޓްތަކަށް އެއް ފަރާތަކަށްވުރެ ގިނަ ފަރާތް ހުށައަޅާފައިވާކަމަށާއި، އަދި އެކަމާއި ގުޅިގެން އެއީ ސައްހަ ލިޔެކިޔުންތަކެއްތޯ ބެލުމަށް އެޗްޑީސީން ހައުސިން މިނިސްޓްރީގައި އެދިފައިވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި އެ ލިޔުންތަކަކީ ބިންވެރިޔާގެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކެއްކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ، މި މައްސަލައިގެ ތަހުގީގުން މިހާތަނަށް ބެލިބެލުމުން ހާމަވީ މައްސަލަ އުފެދިގެން އުޅޭ ލިޔެކިޔުންތައް ދޫކޮށްފައިވަނީ ކުރީ ސަރުކާރުގައި ކަމަށެވެ.
”އަޅުގަނޑުމެންނަށް މިހާތަނަށް ފާހަގަވީ އަދި ސުވާލުކުރެވުނު ފަރާތްތަކުން ދީފައިވާ މައުލޫމާތުންވެސް ހާމަވީ މިފަރާތްތަކަށް ލިބިފައި ހުރި ޑޮކިއުމެންޓްތަކަކީ ކުރީ ދައުރުގައި އެ ބޭފުޅުންނަށް ލިބިފައި ހުރި ޑޮކިއުމެންޓްތަކެއްކަމަށް“ ޝަރީފް ވިދާޅުވިއެވެ.
ފުލުހުންގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން، ނިމިދިޔަ ސަރުކާރު ހިންގި އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަކުރަމް ކަމާލުއްދީން ވިދާޅުވީ ފޮރެންސިކް ތަހުލީލު ނުހަދައި ކުރީ ސަރުކާރުން ދޫކުރި ލިޔުންތަކެއް ކަމަށް ފުލުހުން ވިދާޅުވީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށެވެ.
“ އެގްރީމެންޓް ކަމަށް ދެއްކުމަށްޓަކައި ތައްުޔާރުކުރި ލިޔުމުގެ ޑޮކިއުމެންޓާ މެދު ސުވާލު އުފެދުމުން ވެސް އެ ޑޮކިއުމެންޓްގެ ސައްހަކަން ކަށަވަރު ކުރަން ފޮރެންސިކް ތަހުލީލު ނަހަދައި ކުރީ ސަރުކާރުން ދޫކުރި ލިޔުމެއް ކަމަށް ބުނީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން“ ހައުސިންގް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
ފެންމަތިވެފައިމިވާ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހައުސިންގް މިނިސްޓްރީގެ ކުރީގެ އިސްމުވައްޒަފުންތަކެއްގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. އޭގެތެރޭގައި އަކްރަމް ކަމާލުއްދީންއާއި ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފްގެ އިތުރުން، ކުރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމާއި ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދު ހިމެނެއެވެ.



