ފެންމަތިވެފައިވާ ބިންވެރިޔާ ސްކީމްގެ މައްސަލައިގައި މިނިވަންކަމާއި، ފުރިހަމަކަމާއި ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގުކޮށް، އާންމުންގެ އިތުބާރު ދެމެހެއްޓުމަށް ޖިނާއީ އިޖުރާތްތައް ދަމަހައްޓައި، ހިޔާނާތްތެރިވެފައިވާ ފަރާތްތަކާ މެދު އަވަސް ގޮތެއްގައި ގާނޫނީ އިމުގެ ތެރެއިން ހައްގު އަދަބު ދޭން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި އެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހިންގި ”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ޑޮކިއުމެންޓުތަކެއް ފޯޖުކުރި ކަމަށް ބެލެވޭ ޖިނާއީ މައްސަލައެއްގެ އަވަސް ތަހުގީގު ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފަށާފައެވެ.
މިކަމާ ގުޅޭގޮތުން ބައެއް މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން އެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ލިސްޓުގައި ނެތް މީހުން ސައްހަ ނޫން ލިޔެކިޔުންތައް ހޯދައިގެން ގޯތި ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށާއި އެގޮތުން ތިން ސްލޮޓެއް ހޯދުމަށް ހުށައަޅާފައިވާކަން މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާކަމަށެވެ.
އެގޮތުން ބައެއް ލޮޓްތަކަށް އެއް ފަރާތަކަށްވުރެ ގިނަ ފަރާތް ހުށައަޅާފައިވާކަމަށާއި، އަދި އެކަމާއި ގުޅިގެން އެއީ ސައްހަ ލިޔެކިޔުންތަކެއްތޯ ބެލުމަށް އެޗްޑީސީން ހައުސިން މިނިސްޓްރީގައި އެދިފައިވާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި އެ ލިޔުންތަކަކީ ބިންވެރިޔާގެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކެއްކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ، މި މައްސަލައިގެ ތަހުގީގުން މިހާތަނަށް ބެލިބެލުމުން ހާމަވީ މައްސަލަ އުފެދިގެން އުޅޭ ލިޔެކިޔުންތައް ދޫކޮށްފައިވަނީ ކުރީ ސަރުކާރުގައި ކަމަށެވެ.
މިކަމާ ގުޅިގެން ޓްރާންސްޕޭރެންސީން ރޭގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މެދުގައި މަސްލަހަތު ފުށުއެރުމުގެ މައްސަލަތަކަކީ ކޮރަޕްޝަންގެ މައްސަލަތަކުގައި ވަރަށް އާންމުކޮށް ފާހަގަވާ ކަމަކަށް ވުމާ އެކު މަސްލަހަތު ފުށުއަރާ ފަދަ މައްސަލަތައް ހައްލުކުރަން ހަރުދަނާ ނިޒާމެއް ގާއިމު ކުރެވިފައި ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
މީގެއިތުރުން ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ ބޭބެއަށް ގޯތި ލިބުމުގެ ޝަރުތު ފުރިހަމަ ނުވާއިރު، ގޯތި ދޫކޮށްފައިވާ ކަމަށް ބުނެ ކޮށްފައިވާ ތުހުމަތާ އަދި ގަވާއިދާ ހިލާފަށް 50 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވާ ކަމަށް ތުހުމަތުކުރާ ރިޕޯޓުތަކަކީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދި ސުވާލު އުފެދޭ ކަމެއް ކަމަށެވެ.




